ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
  2.  ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، ރަށުގެ ތަރައްޤީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމާއި، ކަމާބެހޭ ޤާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.
  3.  ރަށު ކައުންސިލުން އެކުލަވާލައި، ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޛުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް މި ޤާނޫނުގައިވާ ގޮތުގެމަތިން ތަންފީޛުކުރުން.
  4. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެހީތެރިވެދީ، ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
  5. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޝްވަރާއާއެކު، މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި، އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.
  6. މި ޤާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
  7. ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
  8. ކަމާބެހޭ ޤާނޫނުގެ ދަށުން ފާސްކޮށްފައިވާ ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
  9. ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ޙަވާލުކުރާ އެނޫންވެސް ބިން، ކަމާބެހޭ ޤާނޫނުގެ ދަށުން ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި އެ ރަށެއްގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާއި ދިނުން.
  10. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
  11. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން. 
  12. ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
  13. ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
  14. މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.
  15. ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
  16. ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
  17. ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  18. މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 
  19. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
  20. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެތަންތަން ބެލެހެއްޓުން. 
  21.  ރަށުގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން. 
  22. ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުގައި ނުވަތަ ކައުންސިލަށް އިޚްތިޞާޞް ލިބިފައިނުވި ނަމަވެސް ކައުންސިލުން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ސަރަޙައްދެއްގައި އެއްވެސް ފަރާތަކުން ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފި ކަމަށް ތުހުމަތުކުރެވޭނަމަ، ކަމާބެހޭ އިދާރާއަށް އެކަމެއް ރިޕޯޓުކުރުން.
  23. ރަށު ކައުންސިލްގެ އިދާރާ ހިންގުން.
  24. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
  25. ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  26. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަގުގެ ގޮތުން 5 (ފަހެއް) މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ނުވަތަ ޤައުމީ އިދާރާތަކުން މި ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް ހިންގުމާއި، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ބަލަހައްޓައި، އެ މަޝްރޫޢުތައް ހިނގަމުންދާގޮތް ސަރުކާރުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ސަރުކާރަށް އަންގަމުން ގެންދިއުން.
  27. ރަށު ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކި ފަރާތްތަކާއެކު އެގްރީމަންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.
  28. ރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ޤައުމީ އިދާރާއާ ގުޅިގެން އަޅައި، އަހަރަކު އެއްފަހަރު ކަމާގުޅޭ އިދާރާއަށް ރިޕޯޓު ފޮނުވުން.
  29. ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ޙާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ކަމާބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓުކުރުން.
  30. ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުޞޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުޞޫލުތައް ތަންފީޛުކުރުން.
  31. ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  32. ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ޤާއިމުކުރުން.