- ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން
- އަލަށް އުފަންވާކުދިންނާއި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން
- ރަށުކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލް ކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާތިލްކުރުން
- ޝަރުޢީ ކޯޓުތަކުން ކުރާ ޙުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން
- މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގެ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާއްމުމާރުކޭޓުގެ ކަންކަން ހުރޭތޯ ބަލައި އިސްލާޙީ ފިޔަވަޅުއެޅުން
- ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން
- ޕެސްޓް ކޮންޓްރޯލްކުރުން
- ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން
- މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން
- ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން
- އާސާރި ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން
- ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން
- މިސްކިތްތައް ބެލެހެއްޓުން
- ރަށުގެ ބިމުގެ ދަފްތަރު އެކުލައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކަލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން
- ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟު ނުވާގޮތުގެ މަތިން، ރަށުން ބިންދޫކުރުމާއި ބިމާއި ޢިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއޖޭގެ ޢިމާރާތްކުރުމުގެ ޤަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްތަކުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހާ މުޢާމަލާތުތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާ ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން
- އިޖުތިމާއީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާއްމުދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާއްމު ޕާކުތަކާއި މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން
- ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް ޢަރުޝީފްކުރުމާއި ރަށުގެ ތާރީޚީ އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކި އެކި މަޢުލޫމާތު ލިބޭނެ އިންތިޒާމް ޤާއިމް ކުރުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޕްރީސްކޫލުގެ ޚިދުމަތް ދިނުމާއި، ބޮޑެތިމީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޕްރައިމަރީ ހެލްތު ކެއާރ އާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމް ފަދަ ޢާއްމު ޚިދުމަތް ހިންގައި ބެލެހެއްޓުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުއެޅުމާއި، ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން
- ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާ ފެރީޓާމިނަލް ހަދައި ހިންގުން
- އެކަށިގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެ މަތިން ރަށުފެންވަރުގައި ކުނިނައްތާލުން
- ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން