ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އުލިގަމު ކައުންސިލުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

27 ސެޕްޓެމްބަރު 2022
dhivehiraaajeyge-aumee-dhuvahuge-munaaabathugai-aaasa-dhidha-negumuge-rasmihyaathu-uligamu-kaunsilun-baaavaifi-featured-image
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް އުލިގަމު ކައުންސިލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އުލިގަމު ކައުންސިލު މެންބަރުންނާއި، އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ އިތުރުން އުލިގަމުގައިވާ ދައުލަތުގެ ގިނަ މުއައްސަސާތަކުން  ބައިވެރި ވެފައި ވެއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި  ޤުރުއާން ކިޔެވީ އުލިގަމު ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރު އަލްޔަން ބިން ފިޒާލް ބިން މުޙައްމަދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ އުލިގަމު ކައުންސިލު ހިންގެވުމާ މިވަގުތު ޙަވާލުވެ ހުންނެވި އުލިގަމު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝާފިޢުއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ވަޑައިގެންނެވި މެހެމާނުންގެ ޝަރަފުގައި އުލިގަމު ކައުންސިލަރުންގެ ފަރާތުން ދެއްވި ސައިފޮދަކާ އެކުގައެވެ.
ކޮންމެ ހިޖުރީ އަހަރެއްގެ ވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަ ކޮށްފައިވަނީ މީލާދީން  4 ފެބްރުއަރީ 1946 ގައެވެ. އެއީ ޙިޖުރީ ސަނަތުން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުލިގަމު ކައުންސިލުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން
...
އޭގެ ކުރިން ދިވެހިރާއްޖޭގައި ޤައުމީ ދުވަހުގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކޮށްފައި ނުވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ޚާއްޞަ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ނިންމެވި ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހަކީ ދިވެހިންގެ މިނިވަންކަން މުޅިން ގެއްލި 15 އަހަރާއި 6 މަހަށް ވުރެ ދިގު މުއްދަތަކަށް ޕޯރޗުގީޒުންގެ އަޅުވެތިކަމަށްފަހު ތިލަދުންމަތީ އުތީމު ބަންޑާރައިން ދިވެހިރާއްޖެ މިނިވަން ކޮށްދެއްވި ދުވަހާއި ގުޅުވައިގެންނެވެ.
އެގޮތުން ތިލަދުންމަތީ އުތުރުބުރީ އުތީމު އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ދިވެހިރާއްޖެ ޕޯރޗުގީޒުންގެ އަތްދަށުން ސަލާމަތްކޮށްދެއްވައި ދިވެހިރާއްޖެ މިނިވަންކޮށްދެއްވީ ޙިޖްރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ.