ރިޔާސީ ކެޕްމޭންގައި ހއ. އުލިގަމަށް ވެފައިވާ ވަޢުދުތައް ދަނީ ފުއްދަވައި ދެއްވަމުން: ސަލީމް

29 ނޮވެމްބަރު 2019
eius-harum-featured-image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ރިޔާސީ ކެޕްމޭންގައި ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވަމުން ގެންދާވަތަން ފެންނަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ދާއިރާގައި ހިމެނޭ އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އުލިގަމަކީ ވޭތިވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައިއިރު އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ތައުލީމާއި، ސިއްޚީ ހިދުމަތާއި ކަރަންޓް ގެ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައެއްގައި ކަން ސަލީމް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތް ކަމަށާއި ވަޒީފާ ފުރުސަތުތައްވެސް ރަށުގައި ނެތްކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ރައީސް ސާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މިސަރުކާރުން ދިވެހިރާއްޖޭގެ ރަށަކަށް އެންމެ ބޮޑު ސަމާލުކަން ދެއްވި އެއް ރަށެއްގައި ގޮތުގައި އުލިގަމު ވެގެން ދާތަން ކަމަށާއި އެއީ މިއަދު ލިބޭ އެންމެ ބޮޑު އުފާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް އުލިގަމުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހިމަނާފައި ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރަށުގެ ބަނދަރު އާކުރެވިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އަންނަ ހަފްތާގެ ތެރެގައި ބަނދަރަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވްރާކުރުމަށް ކޮންސަލްޓެންޓުން އެރަށަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޯލެވް ނަތީޖާއިން އުލިގަމުގެ ދަރިވަރަކު ހިސާބު މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދާފައިވާކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ އެރަށު ސްކޫލަށް ޚަރަދުކުރުމަށް ދެވަނަ ވިސްނުމަކަށް ދާން ނުޖެހޭ ކަމަށެވެ.
އެރަށުގެ ސްކޫލަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި 12 ކްލާސްރޫމް އެޅުމުގެ މަސައްކަތް އަންނަ އަހަރު ބެޖޭޓުގައި ހިމަނާފައިވާ ކަމަށާއި އަންނަ އަހަރު އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ފެށިފައިވާ ކަމަށާއި ފާއިތުވި ހަފްތާގައި އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ސަރުކަރުން ވަނީ ދީ ނިންމާފައި ކަމަށް ވިދާޅުވިއެވެ. އީއައިއޭ ފާސްވެ މަސައްކަތް ކުރުމުގެ އޯޑަރު އޮތީ ކޮންޓްރެކްޓަރ އަށް ސަރުކާރުން ދީފައި ކަމަށާއި މިހާރު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އުލިގަމަކީ އިޔާދަކުރަނިވި ހަކަތައިގެ ނަމޫނާ ރަށަކަށް ހެދޭނެ ރަށެއް ކަމަށެވެ. އެރަށަށް ދޫކުރާ ކަރަންޓްގެ 70 އިންސައްތަ ފުރަތަމަވެސް އަންނާނީ އިޔާދަ ކުރަނިވި ހަކަތައިން ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އުލިގަމުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ސިޓީ ހޮޓާ އެޅުމުގެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ގަތްގަނޑަކަށް 11 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް މި ސަރުކާރުން މިއަހަރު ނިމުމުގެ ކުރިން އެމަޝްރޫއު ފައްޓަވާނެ ކަމާއި މެދު ކުޑަވެސް ޝައްކެތް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.
ޚުދު ރައީސް ސާލިހުވެސް ވަރަށް ގިނަ ފޯރަމް ތަކުގައި ސިޓީ ހޮޓާގެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި އެކަމުން ދޭހަވަނީ އުލިގަމާއި އަދި އެމަޝްރޫއަށް ދެއްވާ ސަމާލުކަން ކަމަށެވެ.
އުލިގަމު ރައްޔިތުންނަށް ވަރަށް އުޖާލާ ކުރިމަގެއް ފެންނަ ކަމަށް ވިދާޅުވަމުން ސަލީމް ވަނީ އެ ރަށުގެ ރައްޔިތުން ބަޔަކަށް ބަރޯސާނުވެ އާއިލާއާއި އެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތް އޮތް ރަށެއްގެ ގޮތުގައި މި ސަރުކާރުން އުލިގަމު ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އުލިގަމުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ސިޓީ ހޮޓާ އެޅުމުގެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ގަތްގަނޑަކަށް 11 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް މި ސަރުކާރުން މިއަހަރު ނިމުމުގެ ކުރިން އެމަޝްރޫއު ފައްޓަވާނެ

- ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް -

އުލިގަމަކީ އިޔާދަކުރަނިވި ހަކަތައިގެ ނަމޫނާ ރަށަކަށް ހެދޭނެ

އުލިގަމަކީ އިޔާދަކުރަނިވި ހަކަތައިގެ ނަމޫނާ ރަށަކަށް ހެދޭނެ ރަށެއް ކަމަށެވެ. އެރަށަށް ދޫކުރާ ކަރަންޓްގެ 70 އިންސައްތަ ފުރަތަމަވެސް އަންނާނީ އިޔާދަ ކުރަނިވި ހަކަތައިން