އުލިގަމު ކުނިކޮށި މެނޭޖު ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ޙަވާލު ކޮށްފި

21 ސެޕްޓެމްބަރު 2022
kunikoshi-featured-image
އުލިގަމު ކުނިކޮށި މެނޭޖު ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ޙަވާލު ކޮށްފިއެވެ.
އުލިގަމު ކުނިކޮށީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ޙަވާލު ކޮށްފައިވަނީ ހއ. އުލިގަމު ފާރަ އިންވެސްޓްމަންޓާއެވެ.
ކުނި ކޮށީގައި ކުނި މެނޭޖުކޮށް ބެލެހެއްޓުމަށް ފާރަ އިންވެސްޓްމަންޓާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރުމަށް އެއްބަސް ވެވިފައި ވެއެވެ.
އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް ކުނި އުކުމަށް އޮންނަ ދުވަސްތަކާއި ވަގުތު ތަކުގައި ރައްޔިތުންނަށް ކުނި އުކަމުން ގެންދެވޭނެ ކަމަށް އުލިގަން ކައުންސިލުން މަޢުލޫމާތު ދެއްވާފައި ވެއެވެ.
އުލިގަމު ކުނިކޮށި މެނޭޖު ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަހުމަދު މުޢާޛް މުޙައްމަދެވެ.
އަދި ފާރަ އިންވެސްޓްމަންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހއ. އުލިގަމު ފަޒާ މުޙައްމަދު ސިރާޖެވެ.
ހއ. އުލިގަމު ކުނިކޮށި މެނޭޖު ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ޙަވާލު ކުރުމުގެ ކުރިން ކައުންސިލުންވަނީ ކުނިކޮށީގެ ސަރަޙައްދުގެ އިން ވަކިކޮށް ސާފުކޮށްފައެވެ. 
މި މަސައްކަތް ކޮށްފައިވަނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ހިލޭ ސާބަހަށެވެ.