މަދިރި އުފެދޭތަންތަން ނައްތާލައި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

30 ޖުލައި 2024
madhiri-ufedheythanthan-nahthaalai-rashuthere-saafukurumuge-harakaatheh-hingaifi-featured-image
 އުލިގަމުގައި މަދިރި އުފެދޭ ތަންތަން ނައްތާލައި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް 2024 ޖުލައި 27 ވީ ހޮނިހިރު ދުވަހު ހިންގައިފިއެވެ. މި ހަރަކާތަކީ 2024 ވަނަ އަހަރުގެ ކައުންސިލުގެ މަސައްކަތުގެ ތާވަލުގައިވެސް ހިމެނިފައިވާ ޙަރަކާތަކަށްވާއިރު، މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކަމުގައިވާ ޗިކުންގުންޔާއާއި ޑެންގޫޫ ފަދަ ބަލިތައް ކޮންޓްރޯލްކޮށް އެބަލިތަކުން ރައްކާތެރިވުމަށް މަދިރި ޓާސްކްފޯސްއާއި ރަށުގެ މުއައްސަސާތަކާއި އަދި ރައްޔިތުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ބަޔަކު ގުޅިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
2024 ޖުލައި 27 (ހޮނިހިރު) ދުވަހު ބޭއްވުނު މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށުތެރެ ސާފުކުރުމުގެ ތެރެއިން (ފޮޓޯ: އުލިގަމު ކައުންސިލް)
މި ހަރަކާތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން 10:30 އަށް ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތައް ހަތަރު ގްރޫޕަށް ބަހާލައިގެން ސާފުުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް މަދިރި އުފެދޭ ގޮތަށް ހުރިތަންތަން ފާހަގަކޮށް އެފަދަ ތަނެއް ހުރިނަމަ، މަދިރި ނުއުފެދޭނެ ގޮތަކަށް ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. އަދި ރަށުގެ ގޮނޑުދޮށްތަކާއި މީހުން ދިރިއުޅޭ ގެތަކާއި ކައިރިން ވަލުތެރެއިން ދުއިސައްތަ ފޫޓު އެތެރެއަށްވާ ސަރަޙައްދު ބަލައި ޗެކްކޮށް، މަދިރި އުފެދޭ ތަންތަނާއި އަދި ފެންހެދޭ ގޮތަށްހުރި ޕްލާސްޓިކާއި ދަޅުފުޅިއާއި ދަގަނޑާއި ބިއްލޫރިފަދަ ތަކެތި ނަގައި ސާފުކޮށްފައިވެއެވެ. މި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނިނަގައި ރަށުގެ ވަގުތީ ކުނިކޮށްޓަށް ގެންގޮސްފައިވެއެވެ.
2024 ޖުލައި 27 (ހޮނިހިރު) ދުވަހު ބޭއްވުނު މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށުތެރެ ސާފުކުރުމުގެ ތެރެއިން (ފޮޓޯ: އުލިގަމު ކައުންސިލް)
ހަރަކާތް ނިންމުމުގެ ގޮތުން ގްރޫޕްތަކުގެ އެންމެހާ ބައިވެރިންވަނީ މަސްޖިދު މޫސާ ޢަލީ ދެކުނުގައިވާ ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ. އަދި މި ހަރަކާތުގެ ބައިވެރިންނާއި މުޚާތަބުކޮށް ކައުންސިލްގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދުވަނީ ވާހަކަ ދައްކަވައި މިހަރަކާތުގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. މި ޙަރަކާތް ނިމިގެން ދިޔައީ ކައުންސިލުގެ ފަރާތުން މިހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ދެއްވި ފިނިހިއްޕެވުމަކާއި އެކުއެވެ.
2024 ޖުލައި 27 (ހޮނިހިރު) ދުވަހު ބޭއްވުނު މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ރަށުތެރެ ސާފުކުރުމުގެ ތެރެއިން (ފޮޓޯ: އުލިގަމު ކައުންސިލް)
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި މަދިރީގެ ޒަރިއްޔާއިން ފެތުރޭބަލިތައް ކޮންޓްރޯލްކޮށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލައި ރަށުތެރެ ސާފުކޮށް ބޭއްވުމެވެ. އަދި މި ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކާއި އަދި ރައްޔިތުން ގުޅިގެން މިފަދަ ކަންކަަަން ކުރުމުގެ ރޫޙު އާލާކޮށް އެކުވެރިކަމާއިިއެކު އެކުގައި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ. އަދި މިއީ ސިލްސިލާ ހަރަކާތްތަކެއް ހިމެނޭ ޕްރޮގްރާމަކަށް ވުމާއެކު، މީގެ އިތުރު ހަރަކާތްތަކެއް ކުރިޔަށް އޮތްތަނުގައި ކުރިޔަށް ގެންދެވޭނެއެވެ.