ތަޖުރިބާ ދަތުރެއްގައި މުރައިދޫ ކައުންސިލުން އުލިގަމަށް ޒިޔާރަތްކޮށްފި

27 ޑިސެމްބަރު 2022
muraidhoo-kaunsiluge-thajuribaa-dhathureh-uligamah-kohfi-featured-image
އުލިގަމު ކައުންސިލުން މުރައިދޫ ކައުންސިލަށް ހަދިޔާ ޙަވާލުކުރުމުގެ ތެރެއިން          ފޮޓޯ: އުލިގަމު ކައުންސިލް
ހއ. މުރައިދޫ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި އުލިގަމަށް ޒިޔާރަތް ކޮށްފިއެވެ. 24 ޑިސެމްބަރ 2022 ވީ ހޮނިހިރު ދުވަހު އުލިގަމަށް ކުރި މި ދަތުރުގެ ބޭނުމަކީ އުލިގަމު ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި އިދާރީގޮތުން ހިނގަމުންދާ ކަންކަން ހިނގާނުހިނގާގޮތް ދެނެގަނެ ތަޖުރިބާ ޙިއްޞާކޮށް، ކައުންސިލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމެވެ.
މީގެ އިތުރުން މި ދަތުރުގައި މުރައިދޫ ކައުންސިލުން ވަނީ އުލިގަމުގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވައި ރަށުތެރޭގެ ޙާލަތު ބައްލަވައިލައްވާފައެވެ.
އެގޮތުން މާލޭ ހުކުރު މިސްކިތް ނަމޫނާއަކަށް ބަލައިގެން މިރަށުގައި ޢިމާރާތް ކޮށްފައިވާ މަސްޖިދު މޫސާ ޢަލީ މިސްކިތަށް ކުރި ޒިޔާރަތުގައި މިސްކިތުގެ ގޯތި ތެރޭގައި ހުރި ކަދުރު ރުކުގެ ކަދުރު ރަހަބައްލަވައި ރާއްޖޭގައި ޢާއްމުކޮށް ހެދޭ ކަދުރާއި ތަފާތުކަން ފާހަގަ ކުރައްވައި ކަދުރުގެ ރަހަ ރަނގަޅުކަން ފާހަގަ ކުރައްވާފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި އެންމެ ކުޑަކޮށް ހުއްޓައި ފޯދި ކަދުރު އަޅާފައިވާ ކަދުރު ރުކެވެ.
މިދަތުރުގައި މުރައިދޫ ކައުންސިލުންވަނީ ހއ. އަތޮޅުގެ ތިންރަށަކަށް ޒިޔާރަތް ކޮށްފައެވެ. 
މުރައިދޫ ކައުންސިލުން އުލިގަމު ކައުންސިލަށް ހަނދާނީ ފިލައެއް އަރުވަނީ             ފޮޓޯ: އުލިގަމު ކައުންސިލް
މުރައިދޫ ކައުންސިލުން އުލިގަމަށް ކުރި ޒިޔާރަތުގައި މުރައިދޫ ކައުންސިލުގެ ޓީމް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އުލިގަމު ކައުންސިލުގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދާއި ކައުންސިލުގެ މެންބަރުންނާއި އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އުލިގަމު ކައުންސިލުގެ އިދާރީ މުވައްޒަފުންނެވެ.
މެންދުރުގެ ފަރިއްކޮޅަށްފަހު މުރައިދޫ ކައުންސިލުގެ ޓީމްވަނީ އުލިގަމު ކައުންސިލަށް ޒިޔާރަތް ކުރައްވައި އުލިގަމު ކައުންސިލާއި އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އުލިގަމު ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މުރައިދޫ ކައުންސިލުގެ މެންބަރުން އުލިގަމު ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި، މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވައި އަދި މުރައިދޫ ކައުންސިލުގެ އިދާރީ މުވައްޒަފުންވަނީ އުލިގަމު ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ވަކި ވަކީން ބައްދަލުކޮށް ދެފަރާތުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލުބަދަލު ކޮށްފައެވެ. އެއަށްފަހު ރަށުގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރައްވައި މުރައިދޫ ކައުންސިލުގެ ޓީމް އުލިގަމުން ފުރައިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

Image Gallery