ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މަސްފިހުމުގެ ބޮޑު ހަރަކާތް 01 ޖެނުއަރީ 2023 ވީ އާދީއްތަ ދުވަހު ބާއްވައިފިއެވެ. މިއަހަރުގެ މަސްފިހުމުގެ ހަރަކާތަށް ގިނަ ޢަދަދެއްގެ ބޭފުޅުން އުލިގަމަށް ޒިޔާރަތްކޮށްފައިވެއެވެ. އެހެން އަހަރުތަކަށްވުރެ މިފަހަރު މަސްފިހުމުގެ ބޮޑު ޙަރަކާތަށް އުލިގަމަށް ޒިޔާރަތްކުރި ފަރާތްތަކުގެ އަދަދު ގިނަކަންވެސް ފާހަގަކުރެވެއެވެ. މިފަހަރުގެ ޙަރަކާތުގައި 664 މަސް ފިހެފައިވެއެވެ.
މަހަށްފުރާ ދޯނިތަކަށް އަންހެން ބޭފުޅުން ކާއެއްޗެހި އަރުވަނީ ފޮޓޯ: އުލިގަމު ކައުންސިލް
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް
މިފަހަރުގެވެސް މަސްފިހުމުގެ ޙަރަކާތް ފެށިގެން ދިޔައީ ފަތިހު 6 ޖަހާކަންހާއިރު
މަހަށް ފުރި 3 ދޯނި މަހަށް ފުރުވާލުމުންނެވެ. މިދޯނިތައް ފުރާތަނަށް ރަށުގެ
ރައްޔިތުންނާއި ރަށުން ބޭރުން ރަށަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ބަޔަކު ރަށުގެ
ބަނދަރު ސަރަޙައްދަށް ޖަމާވިއެވެ. އެހެން އަހަރުތައް ފަދައިން މަހަށްފުރާ
ދޯނިތަކަށް މަހަށް ފުރުމުގެކުރިން ކާއެއްޗެހި އެރުވުން މިފަހަރުވެސް އަންހެން
ބޭފުޅުން ކުރިއަށް ގެންދިޔައެވެ.
ދޯނިތައް މަހަށް ފުރަނީ ފޮޓޯ: އުލިގަމު ކައުންސިލް
މަސްބާނަން ދޯނިތައް ފުރުމުން ރަށުގައި ތިބޭ މީހުން ދޯނިތައް ލެފުމުގެ ކުރިން މަސްފިހުމަށް ވާންޖެހޭ ތައްޔާރީތައް ހެނދުނުގެ ސަޔަށްފަހު ކުރިއަށް ގެންދިޔައެވެ. އަދި އަންހެން ބޭފުޅުން މަހުން ދޯނިތައް ލެފުމުގެކުރިން ދޯނިތަކުން މަހަށް ދިޔަ މީހުންނަށް ސާގުފަންޏާއި ފެންބިސް އަދި މަސްރޮށި ތައްޔާރުކުރުން
ކުރިއަށްދިޔައެވެ. ފިރިހެން ބޭފުޅުން މަސް ފިހުމަށްޓަކައި އަށިތައްޔާރުކުރުމާއި މަހުގައި
މިރުސްލާން ބޭނުންކުރާ މޭޒުތައްޔާރުކޮށް މަހަށްޖަހާ އޫތައް ދޮވުމުގެ ކަންތައް ފޯރީގައި
ކުރިއަށް ދިޔައެވެ. މިހަރަކާތްތައް ހިނގަމުންދިޔަ ވަގުތުތަކުގައި އުލިގަމު ކައުންސިލުގެ ފަރާތުން ފުޅިއާއި ދަޅާއި ކޭކާއި ބިސްކޯދު ފަދަ ތަކެތި މަސައްކަތްކުރާ ފަރާތްތަކަށް ބަހަމުން ދިޔައެވެ. މަހަށް ފުރި އޮޑިތައް ލެފުމުގެ ކުރިން މަސްފިހަން ބޭނުންވާ ހުރިހާކަމެއް ރަށުގައި ތިބި ހުރިހާ ފަރާތްތަކުންވަނީ ނިންމާލައިފައެވެ.
ހެނދުނުގެ ސައި ކުރިއަށްދަނީ ފޮޓޯ: އުލިގަމު ކައުންސިލް
މެންދުރުން ފަސްވެ މަހަށްދިޔަ އޮޑިތައް ލެފުމުން އެދޯނިތަކުން މަހަށްދިޔަ ފަރާތްތަކަށް ސާގުފަންޏާއި ފެންބިހާއި މަސްރޮށިވަނީ އަންހެންބޭފުޅުންދީފައެވެ. ދޯނި ރަށަށް ލެފުމުގެ ކުރީންވަނީ ހިފާފައިވާ ނުވަތަ ބާނާފައިވާ މަސްތައް ކަނޑައި ޅިޔަޖަހާހަދައި ތައްޔާރުކޮށްފައެވެ. ދޯނިލެފުމާއިއެކު މަސްތައް މިރުސްލުމަށްޓަކައި އެކަމަށް ޚާއްޞަކުރެވިފައިވާ މޭޒަށް ގެންދިޔައެވެ. މިރުސްލައި ނިމުމުން ހަވީރު މަސްތައް ފިހަން މަސްފިހާ އަށީގައި ބެހެއްޓިއެވެ. މަސްފިހައި ނިމުމުގެކުރިން މަސްތައް ބަހައްޓައި ސުފުރާމަތި ނުވަތަ މޭޒުތައް ތައްޔާރުކުރުން ކުރިއަށް
ދިޔައެވެ.
މަސްފިހަން އަށި ކުރިއަށްދަނީ ފޮޓޯ: އުލިގަމު ކައުންސިލް
މިފަހަރު މަސްފިހުން ކުރީފަހަރުތަކާއި ތަފާތުކޮށް ކެއުން ފެށުމުގެ ކުރިން ކުޑަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އަދި ހުރިހާ ބޭފުޅުންނަށް ހަމަޖެހިލައިގެން އިށިއިނދެގެން މަސްތަކަށް އިންސާފުކޮށްލުމުގެ އިންތިޒާމުވަނީ ހަމަޖައްސައިފައެވެ. ކީރިތި ޤްރުއާނުގެ ބަރާކާތުން ރަސްމިއްޔާތު ފެށިގެންދިޔައެވެ. އެއަށްފަހު ކައުންސިލުގެ ރައީސްގެ ވާހަކަ ދެއްކެވުން އޮތެވެ. މިފަހަރުގެ ހަރަކާތުގައިވެސް ކެއުން ފައްޓަވައިދެއްވީ ޝަރަފުވެރި މެހްމާނެވެ. ކެއުމުގެ ތެރެއިން މަސްފިހުމުގެ ހަރަކާތްތައް
ފެށިގެން އައިގޮތަށް އަލިއަޅުވާލާފައިވާ ޚާއްޞަ ވީޑިއޯ ރިޕޯރޓެއް ދައްކާފައިވެއެވެ.
މަސްފިހަން އޫ ދޮވުން ކުރިއަށްދަނީ ފޮޓޯ: އުލިގަމު ކައުންސިލް
މަސްފިހަން އަލިފާން ރޯކޮށްފައި ފޮޓޯ: އުލިގަމު ކައުންސިލް
އުލިގަމު މަސްފިހުމުގެ ޙަރަކާތަކީ 1980 ގެ ކުރީކޮޅުގައި ފެށިގެން އައި ހަރަކާތެކެވެ. އޭރު ރިޒޯރޓްގައި ވަޒީފާ އަދާކުރަމުންއައި ޒުވާނުން ރަށަށް ޗުއްޓީއަށް އައިސް ފެށި ބާބެކިއުޒް މިހާރު މިވަނީ ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއުޒްއަށް ބަދަލު ވެފައެވެ. މިއީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލައިކުރުވުގެ މަޤްޞަދުގައި ކައުންސިލުން ކުރިއަށްގެންދާ އިޖްތިމާޢީ އެންމެ ބޮޑު އިވެންޓެވެ. މިފަހަރުގެ މަސްފިހުމުގެ އިވެންޓަށް އެކިގޮތްގޮތުން އެހީތެރިކަން ވެދެއްވި ހުރިހާ ފަރާތްތަކަށް ކައުންސިލުންވަނީ ނިހާޔަތަށް ޝުކުރުޢަދާކޮށްފައެވެ.