އުލިގަމުން މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ދިނުމަށް އެމް.ޕީ.އެލް އާއިއެކު އުލިގަމު ކައުންސިލުން ސޮއިކޮށްފި

01 އޯގަސްޓު 2024
uligamun-meritaim-dhaairaage-idhumaithah-dhinumah-empeeel-aaieku-uligamu-kaunsilun-soikohfi-featured-image
ހއ.އުލިގަމުން މެރިޓައިމް ދާއިރާގެ ތަފާތު ޚިދުމަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އުލިގަމު ކައުންސިލާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އުލިގަމުން މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ދިނުމަށް އެމް.ޕީ.އެލް އާއިއެކު އުލިގަމު ކައުންސިލުން ބޭއްވި ބައްދަލުވުން.    ފޮޓޯ: އުލިގަމު ކައުންސިލް
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އުލިގަމު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) މުޙައްމަދު ވަޖީހް އިބްރާހީމެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަޙްމަދު މުޢާޛު މުޙައްމަދެވެ.
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ އެމް.ޕީ.އެލުން އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމާއި އަދި ކުރޫޒްޝިޕް ފަދަ އުޅަނދުތަކަށްވެސް ބޭނުންވާނެ ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އުލިގަމުގައި ޤާއިމުކޮށް އެފަދަ ޚިދުމަތްތައް އުޅަނދުފަހަރަށް ފޯރުކޮށް ދިނުމެވެ.
މިއަދު އޮތް މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ޤާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭތާ ގާތްގަނޑަކަށް ހައެއްކަ މަސް ތެރޭގައި މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭވަރު ވާނެކަމަށެވެ. މިހާރު ކޮންސެޕްޓްވެސް ހަދައިނިމި، މި މަސައްކަތް ފަށައިގަތުމަށް އިންވެސްޓަރުންނާ ވާހަކަ ދެކެވެމުންދާ ކަން ސީއީއޯ ފާހަގަ ކުރެއްވިއެވެ. ވަޖީހް ވިދާޅުވީ އުލިގަމަކީ ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ ޔޮޓުފަހަރު ބަނދަރުކުރާ ރަށެއްކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން އުލިގަމުން ޚާއްސަ ކަންތައްތަކެއް ފެށިގެންދާނެ ކަމަށެވެ. "އެހެންވެ އަޅުގަނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުކުރަން. ކޮންސެޕްޓް ހަދާ ނިމި، އިންވެސްޓަރުންނާ ވާހަކަދައްކަމުން މި ދަނީ. މާލަސްތަކެއް ނުވެ ގަބޫލުކުރެވެނީ މި އަހަރުގެ ތެރޭގައި މި މަސައްކަތްތައް ފެށިގެންދާނެ ކަމަށް . އޭރުން ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް މުޅިން ނިންމާލެވޭނެ." ވަޖީހު ވިދާޅުވިއެވެ.
އުލިގަމުން މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ދިނުމަށް އެމް.ޕީ.އެލް އާއިއެކު އުލިގަމު ކައުންސިލުން ބޭއްވި ބައްދަލުވުން. ފޮޓޯ: އުލިގަމު ކައުންސިލް
މީގެ އިތުރުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވިދާޅުވީ އިހަވަންދިއްޕޮޅުގައި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ އިންޓަރނޭޝަނަލް ބަންކަރިން ސާވިސްގެ ތަފާތު ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށެވެ. މި ޚިދުމަތުންވެސް ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެކަން ސީއީއޯ ފާހަގަ ކުރެއްވިއެވެ. ވަޖީހް ވިދާޅުވީ މި މަހުގެ 10 ހާތަނުގައި މިހާރު އުލިގަމުގައި ހަދަމުންދާ ޕޯރޓް ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލައި، ކަސްޓަމްސްއާއި އިމިގްރޭޝަން އަދި ޕޯރޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ ހަމަޖެހިގެން ދާނެކަމަށެވެ.
"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމް.އެން.ޑީ.އެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމް.ޕީ.އެލް އިން. މި މަހުގެ 10 އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.
މިއަދު އުލިގަމު ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި އުލިގަމު ކައުންސިލުގެ ރައީސް އަޙުމަދު މުޢާޛު ވިދާޅުވީ އުލިގަމު ރައްޔިތުން ޔޮޓް މެރީނާއެއްގެ ހުވަފެން ދެކޭތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ.
"މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުވޭ. ޔޮޓް ފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމް.ޕީ.އެލްއަށް ޝުކުރު އަދާކުރަން،" މުޢާޒް ވިދާޅުވިއެވެ.
އުލިގަމުން މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ދިނުމަށް އެމް.ޕީ.އެލް އާއިއެކު އުލިގަމު ކައުންސިލުން ބޭއްވި ބައްދަލުވުން. ފޮޓޯ: އުލިގަމު ކައުންސިލް
މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން އެމް.ޕީ.އެލް ގެ ސީ.އީ.އޯ ވަނީ އުލިގަމު ކައުންސިލާ ބައްދަލު ކުރައްވައި މިހާރު ފެށުމަށް ތައްޔާރުވަމުންދާ ޔޮޓްމެރީނާގެ މަސައްކަތްތަކުގެ ކޮންސެޕްޓްވެސް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. މި ރަސްމިއްޔާތަށްފަހު ކައުންސިލާ އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެމް.ޕީ.އެލުން އުލިގަމަށް ވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް އިންތިޒާމުކޮށް ދެއްވާފައެވެ. މި ފަރިއްކޮޅު އޮތީ އުލިގަމު ދަރުބާރުގޭގެ ބެރެބެދި މާލަމުގައެވެ. ފަރިއްކޮޅަށްފަހު އެމް.ޕީ.އެލް ގެ ބޭފުޅުން އުލިގަމުން ފުރާވަޑައިގަތީ މެންދުރުފަހުއެވެ.